ދިވެހިރާއްޖޭން ކަޒަކިސްތާނާއި މޮރިޝަސްއަށް ކަނޑައަޅާ ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކަޒަކިސްތާނާއި މޮރިޝަސްއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަން ފޮނުއްވާފައި ވަނީ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށެވެ.
ރައީސް މަޖިލީހަށް ފޮނުއްވެވީ ކަޒަކިސްތާނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް، އިންޑިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އައްޔަން ކުރެއްވުމަށެވެ.
މީގެ އިތުރުން މޮރިޝަސްއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް ސްރީލަންކާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު އައްޔަން ކުރެއްވުމަށް ރައީސް ވަނީ ނަން ފޮނުއްވާފައެވެ.
އަދި މަޖިލީހުން މި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ނިންމެވީ ދެ ބޭފުޅުންނަށްވެސް ރުހުންދޭން ފެންނަ ކަމަށެވެ.
މިގޮތުން އެ ދެބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުންވެސް މެންބަރުންގެ އިއްތިފާގުން ވަނީ އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފާސްކޮށްފައެވެ.




