މިއަދުން ފެށިގެން ހުކުރުދުވަހާއި ހަމައަށް މޫސުމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ވަނީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރު ގަދަވެ، ކަނޑުގަދަވެ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަ ކުރުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފައިވާތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.
އެހެންކަމުން ފުލުހުން ވަނީ މޫސުމަށް ސަމާލުވެ، އަމިއްލަ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.
ވަކިން ޙާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މެޓް އޮފީހުން ނެރެމުންދާ މޫސުމީ އިންޒާރުތަކަށް ސަމާލުވެ، އެކަންކަމާ ގުޅޭ އަދާހަމަ މައުލޫމާތު ހޯދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރެވިދާނެ ބައެއްކަންކަން:
ކަނޑުދަތުރުކުރާ ފަރާތްތަކާއި، ފެރީ އޮޕަރޭޓަރުންނާއި، ދަތުރުވެރިން، ވަޔާއި ކަނޑު ގަދަ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ނުކުރެއްވުން.
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީންކުރުން.
ވާރޭ ވެހޭއިރު މަގުމަތި ތެމި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށް ސަމާލުވުމާއި، ދުރު ފެންނަ މިންވަރު ކުޑަވުމަކީ އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވާ ކަމަކަށް ވުމާއެކު، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުން.
މޫސުމާބެހޭ އިންޒާރުތަކަށް ސަމާލުވެ، ކަމާބެހޭ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް އަމަލުކުރުން.
އުދައިގެ އަސަރު ކުރާ ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
މޫސުމާ ގުޅިގެން ކުރިމަތިވެދާނެ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައެވެ.
މީގެ އިތުރުން ކުއްލި ހާލަތެއް ކުރިމަތިވެ ނުވަތަ ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ911 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.



