ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ޢައްޔަނު ކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސް ޢައްޔަނުކުރައްވާފައި ވަނީ ބ. ތުޅާދޫ، ގުލްބަހާރުގެ އަލްއުސްތާޛު އިބްރާހީމް ޢަފީފު އަދި ޓްރައިބިއުނަލްގައި ޤާނޫނީ ދާއިރާ ތަމްޞީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ އަލްއުސްތާޛާ ޝަވްފާ އިބްރާހީމެވެ.
ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި ދެ މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.



