ށ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް އެ ޔަޤީންކަންދެއްވީ، އެ މަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ގޮއިދޫ ޞިއްޙީ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމަކީ އެރަށު ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާއި ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ބަޔަކާއި ޙަވާކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ގޮއިދޫގައި ސަރުކާރުން ބިނާކުރާ ޞިއްޙީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތަކީ ދިހަ ވޯޑުއެނދު ހިމެނޭ، ޕްރައިވެޓް ރޫމްތަކާއި ޓްރައޭޖް އަދި ކޮންސަލްޓޭޝަން ރޫމް ހިމެނޭހެން ޖުމްލަ ވިހި އެނދާއެކު ތަރައްޤީކުރާ ޢިމާރާތެކެވެ.
އެ ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ހުއްޓިފައިއޮތް ގޮއިދޫ ސްކޫލްގެ މަޝްރޫޢު ނިންމައި ޙަވާލުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
އެގޮތުން ގޮއިދޫ ސްކޫލުގެ 8 ކްލާސްރޫމުގެ މަސައްކަތަކީ ފަށައިގެން ހިޔާކުރުމާއި ހަމައަށްގޮސް ހުއްޓިފައިވާ މަޝްރޫޢެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ދިގުލައިގެންގޮސްފައިވާ އެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ފަރާތާއެކު ކުރިއަށް ނުގެންދެވުމުން މިހާރު ސަރުކާރުގެ ކުންފުންޏަކާއި ޙަވާލުކުރައްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވާ ފެނަކައިން މަސައްކަތަށް ބޭނުންވާ ތަކެތި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމަކޮށް، ރަށަށް އެ ސާމާނު ގެނެސް، އެ މަސައްކަތް ފެށިގެންދާނެކަމުގައި ރައީސް ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ސޮއިކުރެވުނު މަސައްކަތްތަކާއި މިއަދު ފެށި ކަންކަން ހިނގަމުންދާނެ ކަމަށާއި މީގެ އިތުރަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހައްދަވައިދެއްވައި، ވޮލީ ކޯޓަކާއި ހޭންޑްބޯލް ކޯޓެއް ގޮއިދޫގައި އަޅައިދެއްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ގޮއިދޫގެ ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުންނެވެ.



