ށ. ފޭދޫ ޞިއްޙީ މަރުކަޒުން 24 ގަޑިއިރުގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ށ. ފޭދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފޭދޫގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކުގެ އަދާހަމަ، ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން ފޭދޫ ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަޑުޖެހިފައި އޮންނަތާ 2 އަހަރެއްހާ ދުވަސްވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ސަރުކާރުން މަސައްކަތްކުރެއްވީ ހެދިފައި އޮތް އެއްބަސްވުމުގެ ތެރެއިން މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގެއް ހޯއްދެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެ ދުވެލީގައި ކުރިއަށް ދިއުމަކީ ޤަބޫލުފުޅުކުރައްވާ ގޮތް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބާރު ދުވެލީގައި މި މަސައްކަތް ފައްޓަވައި، ރަށުގައި ކުރަން ހުރި ހުރިހާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ކުލާސްރޫމްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންގޮސް، ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ހަމަމިއާއެކު ރައްޔިތުންގެ އެދުމާ އެއްގޮތަށް މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުން ފަދަ މަޝްރޫޢުތައް ގުޅިލާމެހިފައިވާ ގޮތެއްގައި، ކުރިއަށްގެންގޮސްދެއްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ފޭދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް އެ ބައްދަލުވުމުގައި ވަނީ ސޮއިކޮއްފައެވެ.
މީގެ އިތުރުން ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ފޭދޫގެ ޞިއްޙީ މަރުކަޒުން 24 ގަޑިއިރުގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިއާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖެހި، ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ތަރައްޤީކުރަންޖެހޭ އެކްސްޓެންޝަން ޢިމާރާތުގެ ކަންކަންވެސް ހަމަޖެހިގެންދާނެކަމުގެ ޚަބަރު، އެމަނިކުފާނު ވަނީ ފޭދޫގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އަދި ކުޅިވަރުގެ ދާއިރާއިން މި އަހަރު ތެރޭގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް ފައްޓަވައި، ފުޓްސަލް އާއި ފުޓުބޯޅަ ދަނޑަށް ގެންނަންޖެހިފައި ހުރި އިތުރު އަޕްގްރޭޑްތައް ގެނެސްދެއްވާނެކަމުގައި އެ މަނިކުފަނު ވިދާޅުވިއެވެ.
ފޭދޫ އިންޖީނުގެ، އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ކަންކަންވެސް ކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މިއަހަރު ތެރޭގައި ފުލުހުންގެ މަރުކަޒު އަޅަން ހަމަޖެހިފައިވާ ރަށްރަށުގެ ލިސްޓުގައި ށ. ފޭދޫ ހިމެނޭ ކަމަށާ، ޗައިނާގެ ހިލޭ އެހީގެ ދަށުން ކައުންސިލް އިދާރާ އިމާރާތްކުރާ ރަށްރަށުގެ ލިސްޓުގައިވެސް ށ.ފޭދޫ ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.


