ށ.ފޭދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި ދެ މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރުިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފޭދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފޭދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 320 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން
ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 25.09 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ
ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ފޭދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ޖުމްލަ 4.89 ކިލޯމީޓަރުގެ މަގު ތަރައްޤީ ކުރާނެއެވެ. މިގޮތުން، ސޯސަން މަގު 2252.81 މީޓަރަށް، ކާރނޭޝަން މަގު 798.64 މީޓަރަށް، އާރޯ މަގު 535.94 މީޓަރަށް، މަރުކަޒީ ހިނގުން 828.95 މީޓަރަށް،ފިނިވާ މަގު 472.30 މީޓަރަށް ތަރައްޤީ ކުރާނެއެވެ.
މީގެ އިތުރުން، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޤުދުރަތީ ގޮތުން ފެންގަނޑު ހިނދޭ ނިޒާމެއް ހަރުކުރުމާއި، ޕޭވްމަންޓެއް ހެދުމާއި، ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 116.97 މިލިއަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.



