އިންޑިއާ އާއި ސްރީލަންކާއަށް ދަތުރުކުރުމުގައި އާ އުސޫލުތަކެއް އެ ދެ ގައުމުގެ އިމިގްރޭޝަނުން އެކުލަވާލައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 އޮކްޓޯބަރ 2025 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ސްރީލަންކާއަށް އެތެރެވުމުގެ ކުރިން ”އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)“ އެއް ހޯދަންޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން ސްރީލަންކާގެ ”އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA) ފޯމް ފުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން މިއަދު ބުނީ އިންޑިއާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ‘10 އޮކްޓޫބަރު 2025 އިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެ ޤައުމަށް އެތެރެވުމުގެ ކުރިން ”އީ-އެރައިވަލް ކާޑު“ އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ ގޮތަށް އިންޑިއާގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން، އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން އިންޑިއާއަށް ދަތުރުކުރުމުގެ ކުރިން “ އީ-އެރައިވަލް ކާޑު“ އޮންލައިންކޮށް ފުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.



