ފަލަސްޠީނުގެ ޣައްޒާގައި ޢަމަލުކުރަން ފަށާފައިވާ ސުލްޙައިގެ އެއްބަސްވުމާ ޚިލާފުވެ، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދިން ޙަމަލާއެއްގައި ފަލަސްޠީނުގެ 6 މީހުން ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޙަމަލާތައް ދީފައިވަނީ ޣައްޒާގެ ދެ ސަރަޙައްދެއްގައެވެ.
މި ޙަމަލާތައް ދީފައިވަނީ، އޮކްޓޯބަރު 7 އިން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މި ހަފްތާގައި ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފަށައި 24 ގަޑިއިރުވެސް ހަމަނުވަނީސްއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން، ޔަހޫދީންނާއި ޙަމާސާ ދެމެދު އަމަލު ކުރަމުންދާ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. މި ގޮތުން، 2023 އޮކްޓޫބަރަށް ފަހު ހައްޔަރު ކޮށްފައިވާ 1,700 މީހުންނާއި، އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ އިތުރު 250 ގައިދީން މިނިވަން ކުރުމަށް ވެސް ޔަހޫދީން އޮތީ އެއްބަސްވެފައެވެ. އޭގެ ތެރޭގައި ޙަމާސްގެ އިސް ކޮމާންޑަރުން ކަމުގައިވާ މަރްވާން އަލް-ބަރްޤޫޘީއާއި އަޙްމަދު ސަޢަދާތު ހިމެނޭނެއެވެ.
އޮކްޓޫބަރު 7 އިން ފެށިގެން ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި 67,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
އަދި ޣައްޒާގެ އިމާރާތްތަކުގެ 92 އިންސައްތަ ވަނީ ހަލާކުކޮށްލާފައެވެ. ޣައްޒާގެ އިދާރާތަކުން ބުނާ ގޮތުގައި އިމާރާތްތަކުގެ ދަށުގައި އިތުރު 10,000 މީހުންގެ ހަށިގަނޑު އަދިވެސް ވަނީ ތާށިވެފައެވެ. މީގެ އިތުރުން 158,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.




