ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން، އިސްރާއީލުން އެ ސަރަހައްދުގައި ހިންގާ ގޭންގުތައް ހުއްޓުވުމުގެ މަސައްކަތް ފަށައިފިއެވެ.
ޣައްޒާގައި ޢަމަލުކުރަން ފަށާފައިވާ ސުލްޙައިގެ އެއްބަސްވުން ކުއްލި ގޮތަކަށް ރޫޅިދާނެކަމުގެ ބިރު އަދިވެސް އޮތް އިރު، ޙަމާސްގެ ހަތިޔާރު އެޅި މުޖާހިދުން ދަނީ ޣައްޒާގެ އެކި ހިސާބުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
ރޮއިޓަރސް ނޫހުން ރިޕޯޓުކުރި ގޮތުގައި، ސުލްހައިގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން، އިސްރާއީލުގެ ގޭންގުތަކަށް ނިސްބަތްވާ 33 މީހުން ޙަމާސުން މަރާލާފައިވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ގޭންގުތަކަށް އިސްރާއީލުން ހަތިޔާރު ފޯރުކޮށްދޭކަން ފާޅުގައި އެއްބަސްވެފައެވެ.
ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޙަމާސާއި އިސްރާއީލާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައިވަނީ އޮކްޓޫބަރު 9 ވަނަ ދުވަހުއެވެ. މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ރޭވުމަކާ ގުޅިގެން، ޤަޠަރާއި މިޞްރުގެ މެދުވެރިވުމާއިއެކު ވެވުނު އެއްބަސްވުމެކެވެ.
އެއްބަސްވުމުގެ ދަށުން، ޣައްޒާގެ އިދާރީ ހިންގުން ވަގުތީގޮތުން ”ޞުލްޙައިގެ ބޯޑު“ އާ ހަވާލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޣައްޒާގެ ސަލާމަތީ ކަންކަން ވަގުތީގޮތުން ބެލެހެއްޓުމަށް ޙަމާސާއެކު އެއްބަސްވެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 1,700 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން މިނިވަންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރަމުންދާ 250 ގައިދީން މިނިވަންކުރުމަށްވެސް އިސްރާއީލުން އެއްބަސްވެފައިވެއެވެ.
އޭގެ ބަދަލުގައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.




