ސައިބަރ ކްރައިމް ހުއްޓުވުމުގެ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖެއިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިއީ ސައިބްރ ކްރައިމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ހުށަހަޅާފައި ބައިނަލްއަގުވާމީ ފުރަތަމަ މުއާހަދާއެވެ.
މި މުއާހަދާގައި ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާއިރު މިއީ ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީވެދޭ މުއާހަދާއެކެވެ.
މި މުއާހަދާ ފާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ގެ ޤަރާރަކުންނެވެ.
މިގޮތުން މި މުއާހަދާ ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 14ވަނަ ދުވަހުއެވެ.
މި މުއާހަދާގައި ޤައުމުތަކުން ސޮއިކުރާނީ މި މަހުގެ 25އިން 26 އަށް ވިއެޓްނާމުގައެވެ.
މި މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މި މުއާހަދާގައި ސޮއިކޮށް، އެންމެ އަވަހަށް ތަސްދީގުކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ ސައިބަރކްރައިމާ ގުޅުންހުރި ފަންނީ އެހީ ހޯދުމަށް ރާއްޖޭގެ ބައިވެރިވުން ފުޅާކުރެވޭނެކަމެއްކަން ފާހަގަކުރައްވާފައެވެ.



