ކާނާގެ ޔަޤީންކަން ކަށަވަރު ކުރެވޭ ވަރަށް ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ރާއްޖޭގައި ފާހަގަކުރާ ދަނޑުވެރީންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ރާއްޖޭގައި ގައުމަށް ފުދޭވަރަށް، ފުޑް ސެކިޔުރިޓީ ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ ފޮނި އުންމީދުތަކާއެކު ދަނޑުވެރީންގެ ދުވަހުގެ ހެޔޮ އެދުންތައް އެ ޞިނާޢަތް ކުރިއަރުވައި ފުޅާކުރަން ހީވާގިކަމާއެކު މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދަންނަވާފައެވެ.
“ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ވަނީ ސާބިތުކޮށްދީފައި“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދަނޑުވެރީންގެ ދުވަހުގެ ގޮތުގައެވެ.
ދަނޑުވެރިކަމަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.




