ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މަރޮށި މަދުރަސަތުލް މުނައްވަރާގެ އޮފީހުގައެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިރުމަތީ ފަރާތުން ގިރާ ސަރަހައްދުވެސް ހިމާޔަތްކޮށްދެއްވުމަށާއި، މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާއިރު މަގާއި ގުޅިފައިވާ މަގުތައް ހައްދަވައިދެއްވުމަށް ކައުންސިލުން ހުށައެޅުއްވިއެވެ.
އަދި، ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ނެތުމުން ދިމާވާ ދަތިތައްވެސް މެންބަރުން ހިއްސާކުރެއްވިއެވެ. މީގެއިތުރުން، އޮޑިއެހެލާނެ ސަރަހައްދެއް ހައްދަވައިދެއްވުމަށާއި، ރަށުގެ ނެރު ހުރިގޮތުން މިހާރު އެކި މޫސުމުގައި ބޭނުންނުކުރެވޭތީ އެކަން ހައްލުކޮށްދެއްވުމަށާއި، ރައްޔިތުން ދަތުރުދާނެ ރަށެއް ހައްދަވައިދެއްވުމުގެ އިތުރުން ހެލްތު ސެންޓަރަށް މުވައްޒަފުން އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.




