ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ އުސޫލެއް އާންމުކޮށްފިއެވެ.
އެ އުސޫލުގައި ވަނީ ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް މަދުވެގެން ކޮންމެ ދެ މަހަކުން އެއް ފަހަރު އާންމުކުރަންވާނެ ކަމަށް ބުނެފައެވެ.
ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް ހާމަކުރާނީ ނުދައްކާ ހުރި ފައިސާ 10،000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ.
ނަން އާންމުކުރުމުގެ ކުރިން އެންމެ ފުރަތަމަ ކަމަކަށް ފައިސާ ނުދައްކާ ހުރި މީހަކަށް ކަސްޓަމްސްއިން ލިޔުމެއް ފޮނުވާނެ ކަމަށް ބުނެފައި ވެއެވެ.
މިގޮތުން ދީފައިވާ އެޑްރެހަށް ލިޔުން ފޮނުވުމާއި ސީދާ ގޮތެއްގައި ލިޔުން ހަވާލުކުރުމާއި އެ މީހެއްގެ ނަމުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިޔުން ފޮނުވުމާއި ކަސްޓަމްއަށް ދީފައިވާ މެއިލްއަށް ނުވަތަ ފޯނު ނަންބަރަށް ލިޔުން ފޮނުވާނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.
މިގޮތަށް ނަން އާންމުކުރާނަމަ ކަސްޓަމްސްއަށް ފައިސާ ދައްކަން ޖެހޭ މީހާގެ ފުރިހަމަ ނަން ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރު، އަމިއްލަ ފަރުދެއް ނަމަ، އެ މީހެއްގެ ނަމާއި ދާއިމީ އެޑްރެސް
ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރު، ގާނޫނީ ޝަޚުސެއް ނަމަ، އެ މީހެއްގެ ރަޖިސްޓްރީ ނަންބަރު އާންމުކުރާނެއެވެ.
އަދި ދައްކަން ޖެހޭ ފައިސާގެ ބާވަތާއި ސަބަބު އެހާތަނަށް ފައިސާ ނުދައްކާ އޮތް މިންވަރާއިބއެ މައުލޫމާތުތައް ކަސްޓަމްސްގެ ރަސްމީ ވެބްސައިޓާއި ގެޒެޓާއި ކަސްޓަމްސްގެ ރަސްމީ ސޯޝަލްމީޑިއާ ޕްްލެޓުފޯމުތަކުގައި އިއުލާނުކުރާނެއެވެ.



