ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީ ކައުންސިލަށް ގަސް އިންދާ ސާމާނު ހަދިޔާކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ”5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު“ގެ ފަރާތުން، މިއަދު ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤްއާ އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
“މިއަދު ފުވައްމުލަކުގައި ބޭއްވި މި ބައްދަލުވުމުގައި، ފުވައްމުލަކު ސިޓީގައި ގަސް އިންދުމުގެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތްތަކާއި، މި މަޝްރޫޢުގެ ދަށުން ސިޓީ ކައުންސިލަށް ލިބިގެންދާނެ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވޭ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ ތެރެއިން، ”5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު“ގެ ފަރާތުން ފުވައްމުލަކު ސިޓީ ކައުންސިލަށް ބައެއް ތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ.
”އެ ކައުންސިލަށް ހަދިޔާކުރެވުނު ތަކެތީގެ ތެރޭގައި، ގަސް އިންދުމަށް ބޭނުންވާ ނާސަރީ ކޮތަޅު، ފަކީރާ (ގަސް ހެދުމަށް ބޭނުންވާ ޚާއްޞަ ވެލި/ގަސްކާނާ)، ފެން ކުރާ އަދި 4 ބާވަތެއްގެ ގަހުގެ އޮށް ހިމެނޭ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި ތަކެތި ހަދިޔާކުރުމުގެ ބޭނުމަކީ، ފުވައްމުލަކު ސިޓީގައި ގަސް އިންދުމުގެ މަސައްކަތް ފުޅާކޮށް، ގަސްތައް ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުން ކަމަށެވެ.



