ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގަން އެޗްޑީސީން އަންގައިފިއެވެ.
އެ ތަކެތި ނަގަން އެޗްޑީސީން އަންގާފައި ވަނީ 23 އޮކްޓޯބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިންނެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދީފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފިނަމަ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެއްޗާއި، ހެޖުތެރޭގައި ހައްދާފައިވާ ބިޔަ ގަސްތައް ނަގައި، އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ ކުރިން ވެސް މި ފަދަ އިއުލާނެއް ކޮށްފައިވީ ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް އެ ސަރަހައްދުތަކުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ކެފޭ ހިދުމަތް ދެމުން ގެންދާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ވަނީ ބިޔަވާ ޒާތުގެ ގަސްތައް ހެޖުތެރޭގައި އިންދާފައި ހުރުމުގެ ސަބަބުން، ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެން ބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާކަންވެސް ފާހަގަކޮށްފައެވެ.




