އިސްރާއީލް އާއި ހަމާސް އާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުން ފަލަސްތީނާ ހަވާލު ކުރަމުން އަންނަ ހަށިގަނޑުތަކުގައި އަނިޔާގެ ނިޝާންތައް ފެންނަން އެބަ ހުރި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް މެދުވެރިކޮށް އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނުގެ 45 މީހުންގެ ހަށިގަނޑު ލިބިފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މިއާއެކު، އެމެރިކާއިން ހުށަހެޅި އެއްބަސްވުމެއްގެ ދަށުން ޣައްޒާއަށް ގެނައި ހަށިގަނޑުތަކުގެ އަދަދު 90 އަށް އަރާފައިވާ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
ފޮރެންސިކްސް ޓީމުން ދިރާސާކުރި ހަށިގަނޑުތަކުން ޖިސްމާނީ އަނިޔާގެ އަލާމާތްތައް ފެނިފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ހާމަކޮށްފައިވާއިރު، ބައެއް މީހުން ކަނު ބަނދެ، ބިޑިއަޅުވާފައި ބެހެއްޓި ކަމަށާއި، ”ފީލްޑް އެގްޒެކެޝަންސް“ ހިނގާފައި ވެދާނެ ކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާއަށް މައުލޫމާތު ލިބިފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި އެއްބަސްވުމުގެ ދަށުން އިސްރާއީލަށް ގެންނަ ކޮންމެ ރަހީނެއްގެ ހަށިގަނޑަކަށް 15 ފަލަސްތީނުގެ މީހުންގެ ހަށިގަނޑު ހަވާލުކުރަން ޖެހެއެވެ. ނަމަވެސް، އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބީ ކިތައް މީހުން ކަމެއް އަދި އަނބުރާ ޣައްޒާއަށް ގެނެވޭނީ ކިތައް މީހުންގެ ހަށިގަނޑު ކަމެއް އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހަށިގަނޑުތަކަކީ އިސްރާއީލުގެ ސިފައިން ސަހަރާތަކުން ކޮނެގެން ގެނައި ހަށިގަނޑުތަކެއްތޯ ނުވަތަ އިސްރާއީލުގެ ހަމަލާގައި ރަހީނުކުރެވުނު މީހުންގެ ހަށިގަނޑުތަކެއްތޯ އަދި ސާފެއް ނުވެއެވެ.
އެހެންނަމަވެސް، މުޅި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެމީހުންގެ އަސީރުންގެ ހަށިގަނޑު ހޯދުމުގެ މަގްސަދުގައި ގިނަ ސަހަރާތަކެއް ކޮނެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.




