ކާރިސާތަކަށް ތައްޔާރުވުމާ ގުޅުންހުރި މައުލޫމާތު އެކުލެވޭ ހާއްސަ ވެބްސައިޓެއް ތައާރަފުކޮށްފިއެވެ.
އެ ވެބްސައިޓްތައާރަފް ކޮއްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެންނެވެ.
ފަސް ބަހަކުން ބޭނުންކުރެވޭ އެ ވެބްސައިޓް ފަރުމާކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.
ވެބްސައިޓް ތައާރަފުކޮށްފައިވަނީ 13 އޮކްޓޯބަރ 2025 ގައި ފާހަގަކުރި ބައިނަލްއަގުވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެންޑީއެމްއޭއިން ބޭއްވި ”ވިލުންތެރި ފެސްޓު“ގައެވެ.
“ހުޝިޔާރު ވެބްސައިޓަކީ (hushiyaaru.mv) މުޖުތަމައުއަށް މައުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، ގިނަ ބަސްތަކަކުން އިންޒާރުގެ މެސެޖް ފޯރުކޮށްދޭ އަދި އަމަލީ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެއް“ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އިން ބުނެއެވެ.
އެ ޕްލެޓްފޯމުން ރައްކާތަކާ ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތައުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މައުލޫމާތު ލިބެން ހުންނާނެއެވެ.



