އެމްޑީޕީން މި މަހު 3 ވަނަ ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު މުޒާހަރާއިން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފިއެވެ.
“ލޫޓުވައިފި“ ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހާއި މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް ގެ އިތުރުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހިމެނެއެވެ.
އެ އެއްވުމުގައި ބައިވެރިވި 8 މީހަކު ހައްޔަރުކުރުމަށްފަހު އޭގެ ތެރެއިން އެކަކު މާލެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށް ވަނީ ދޫކޮށްލާފައެވެ.
އަދި ބާކީ ތިބި ހަތް މީހުންގެ ބަންދަށް 15 ވަނީ ދުވަސް ޖަހާފައެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށެވެ.
އެހެންކަމުން އެ މީހުން ބަންދުން ދޫކޮށްލާފައި ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކުރުމަށް ފަހުއެވެ. އަދި އުޅޭ ތަނާއި ގުޅޭ ނަމްބަރު ބަދަލުވެއްޖެނަމަ އެކަން އެންގުމަށްވެސް ޝަރުތުކޮށްފައެވެ.
އެމްޑީޕީން ލޫޓުވައިފި ނަމުގައި މި މަހުގެ 3 ވަނަ ދުވަހު ބޭއްވި އެއްވުމުގައި އެ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެ އެއްވުމަށް ރަށްރަށުން ވެސް މީހުން މާލެ އަށް އައިސްފައި ވެއެވެ.



