ރާއްޖޭގެ ދެކުނުގެ ޚަބަރުތަކަށް ބަލާއިރު އެންމެ ގަދަޔަށް މިދުވަސްކޮޅު ދެކެމުންދާ ވާހަކައަކީ އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ތާރީހީ، ފެންނަ ނުފެންނަ ވޯޓުގެ ވާހަކައެވެ. އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދޫ، މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލުތައް ހެދުމަށް ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ.
އައްޑޫގެ ވޯޓާ ގުޅޭގޮތުން، މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
އެކަން ނިންމާނީ އައްޑޫ ރައްޔިތުން އަމިއްލައަށް ކަމަށާއި އަދި ރައްޔިތުންގެ ރުހުން ނެތި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެހެންކަމުން ”ސައުވީސް“ގެ ފަރާތުން އައްޑޫ ރިފަރެންޑަމް ވޯޓާ ބެހޭގޮތުން ފޭދޫގެ ގިނަ ރައްޔިތުން ދެކޭ ގޮތް ބަލާލީމެވެ. އަދި އެރަށު ރައްޔިތުންގެ ތާއީދު މިކަމަށް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. އެމީހުން ބުނި ގޮތުގައި މިއީ އެމީހުން އެތައް އަހަރެއް ވަންދެން ދެކެމުންދިޔަ ހުވަފެންތަކެއްގައި ކުލަޖެހުމެވެ. އަދި އެއީ ލާމަރުކަޒީ ޤާނޫނުގެ ހަޤީގީ ފައިދާ އެމީހުންނަށް ލިބިގެންދިއުންކަމަށް ދެކެއެވެ.
އެގޮތުން އަޅުގަނޑުމެން އެންމެ ފުރަތަމަ ސުވާލުކުރީ، ފޭދޫގައި އިސްމަގާމެއްގައި ހުންނަވާ ބޭފުޅަކާއެވެ. މިހާރުވެސް އެކި ފަރާތްތަކުން އޭނާއަށް ފުރައްސާރަކުރާކަމަށް ބުނެ އޭނާވަނީ ނަން ނުޖެހުމަށް ޝަރުތު ކޮށްފައެވެ.
އޭނާ ބުނި ގޮތުގައި، މިހާރު އެއް ސިޓީ ކައުންސިލެއްގެދަށުގައި އޮތުމުން ރަށުގެ ތަރައްގީއަށް އެކި މަސައްކަތްތައް ހިންގުމަށް ދަތިތަކަކާ ކުރިމަތިވެއެވެ. މިގޮތުން ރަށުގެ މަގެއް އެއްވަރުކޮށްލަން ޖެހުނަސް ހިތަދޫގައި ހުންނަ ސިޓީ ކައުންސިލުން ހުއްދަ ދީގެންނޫނީ ޕަބްލިކް ވޯކްސް އިން މަސައްކަތް ކޮށްނުދެއެވެ. ރަށުގެ ތަރައްޤީއަށް ރަށު ކައުންސިލަރުން ރާވާ ކަންކަން މޭޔަރ ހުއްދަ ނުދެންނާ ނުކުރެވެއެވެ. އަދި އޭނާ ބުނިގޮތުގައި ސިޓީ ކައުންސިލަށް އާމްދަނީ ލިބެނީ މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންގެ ނަމުގައެވެ. މިގޮތުން 168 މިލިއަން ރުފިޔާ އަހަރަކު ސިޓީ ކައުންސިލަށް ލިބޭއިރު ފޭދޫއަށް ލިބެނީ އެއްމެ 9 މިލިއަން ރުފިޔާއެވެ. އެއީ ސިޓީ ކައުންސިލުގެ އާމްދަނީގެ %5 އެވެ. އެކަމަކު ރަށުގެ އާބާދީއަށް އެކަނި ބެލިއަސް ފޭދޫއަކީ 5800 މީހުންނަށް ވުމުން އެއީ އަތޮޅުގެ %17.5 އެވެ.
މިހެންކަމުން ފާއިތުވި 15 އަހަރު ފޭދޫ ރައްޔިތުންނަށް ހައްޤު މިންވަރު ނުލިބި ތަރައްޤީއަށް ވަނީ ބޮޑުތަނުން ހުރަސް އެޅިފައެވެ.
”ދެން މިހާލުގަ އިތުރަށް ތިބެވޭކަށްނެތް“ އޭނާ ބުންނެވެ.
އެހެންކަމުން ސިޓީ ކައުންސިލުން ވަކިކޮށް، ފޭދޫ ވަކި ކައުންސިލެއްގެ ގޮތުގައި އޮވެއްޖެނަމަ މިކަންކަމަށް ހައްލުލިބިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.
ދެންވެސް ސުވާލު ކޮށްލީ ފޭދޫގައި އިސްމަގާމެއް އަދާކުރައްވާ ބޭފުޅަކާއެވެ. ނަމަވެސް އޭނާވެސް އެދިފައިވަނީ މިވަގުތަށް އޭނާގެ ނަންހާމަ ނުކުރުމަށެވެ.
އައްޑޫ ރިފަރެންޑަމް ވޯޓާ ބެހޭގޮތުން އޭނާ ވިދާޅުވީ ވަކިވަކި ކައުންސިލުތަކެއް އޮތްކަމުގައިވިޔަސް، ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ގެނެސްދެވޭނެ ކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ.
މިގޮތުން ރާއްޖޭގައި އޮތް 188 ރަށުގެ ތެރެއިން 180 ރަށުގައި އޮތީ ރަށު ކައުންސިލުކަމާއި އެ ރަށްތަށް ސަރުކާރުން ބާރަށް ތަރައްޤީ ކުރަމުން ދާކަން އޭނާ ފާހަގަކުރިއެވެ. ސިޓީ ކައުންސިލެއް އޮތުމުން ވަކިވަކި ރަށްރަށުގެ ހުރި ބޭނުންވާކަންކަން މައި ސަރުކާރާއެކު އެއްމެ އެދެވޭގޮތަށް ޚިއްސާ ކުރެވިގެންނުދާކަމެވެ. ސިޓީ ކައުންސިލުން މުޅިންވެސް އުޅެވެނީ އާބާދީ އެއްމެ ބޮޑު އަދި ސިޓީ ކައުންސިލުގެ މެޖޯރިޓީ އޮންނަރަށުގެ މަސްލަހަތުތަކާއިގެންކަން އޭނާ ފާހަގަކުރިއެވެ.
ވިޔަފާރީގެ ދާއިރާއަކީ ވެސް މުހިންމު ދާއިރާއަކަށްވުމާއެކު، އައްޑޫ ރިފަރެންޑަމް ވޯޓާ ބެހޭގޮތުން ފޭދޫގެ ވިޔަފާރިވެރިއަކު ދެކޭގޮތް ވެސް ހިމަނާލީމެވެ. ނަމަވެސް އެކިކަހަލަ ކަންކަމާ ކުރިމަތިލާން ޖެހިދާނެތީ، އޭނާވެސް ވަނީ ނަން ނުޖެހުމަށް ޝަރުތު ކޮށްފައެވެ.
ފޭދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން އޭނާވަނީ އޭނާއަށް ދިމާވި ކަމެއް ހިއްސާ ކޮށްފައެވެ. އޭނާ ބުނީ އޭނާގެ އަނބިމީހާގެ ގެ ބެހިއިރު، އަނބިމީހާގެ އާއިލާގެ ތިން މެންބަރަކަށް ލިބިފައިވަނީ ގަބުރުސްތާނުގެ ވެސް ބަޔަކާއެކު ކަމަށެވެ. އެ މައްސަލަ ހައްލުކުރާނެ ގޮތަކީ ކޮބައިތޯއާއި އިތުރު ބިމެއް ދެނީތޯ ވެސް ފޭދޫ ކައުންސިލުގައި ސުވާލު ކުރި ކަމަށާއި ނަމަވެސް އެކަމަށް ގެނެވޭނެ ހައްލެއް އެނގޭނީ ހިތަދޫ ގައި ހުންނަސިޓީ ކައުންސިލުގެ އިދާރާއަށް ކަމުގައި ފޭދޫ ކައުންސިލުން ބުނި ކަމަށް އޭނާ ބުންޏެވެ.
މި މައްސަލަ ހުށަހެޅިފަހުން މިހާރު 10 އަހަރުވަރު ވެދާނެ ކަމަށާއި ނަމަވެސް އަދިވެސް ހައްލެއް ގެނެސްދީފައިނުވުމުން، ސިޓީ ކައުންސިލުން ފޭދޫ ވަކިވުމަކީ އޭނާ ވަރަށް ވެސް ތާއީދުކުރާ ކަމެއް ކަމުގައި ބުންޏެވެ. ރަށުގެ މިބާވަތުގެ ކަންކަން ރަށުގެ ރައްޔިތުން ހޮވާފަތިބޭ ރަށު ކައުންސިލަރުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ނިންމުމަކީ ލާ މަރުކަޒީ ޤާނޫނުގެ އަސާސްކަމަށް އޭނާ ޤަބޫލުކުރެއެވެ.
ކޮންމެ ރަށެއްގައިވެސް އެންމެ މުހިންމު އެއް ބަޔަކީ އެރަށުގެ ރައްޔިތުންނެވެ. އާންމު ފަރުދުންނެވެ.
އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާމެދު ފޭދޫގެ އާންމު ރައްޔިތެއްގެ ހިޔާލުވެސް ހޯދައިލީމެވެ.
އެގޮތުން އަޅުގަނޑުމެންނަށް ނުހަނު ޖޯޝާއި ފޯރީގައި މައުލޫމާތު ދިން އެއް ފަރާތަކީ މޫސާ މަނިކުފާނެވެ. މޫސަ ބުނި ގޮތުގައި މިއީ އޭނާ ވަރަށް ބޮޑަށް ތާއީދުކުރާ، ވަރަށް ބޮޑަށް އެދެމުންވެސްދިޔަ ކަމެކެވެ. އޭނާ ބުނި ގޮތުގައި އެކަމުގެ ސަބަބުތައް ބައިވަރެވެ. ނަމަވެސް ކުރުގޮތަކަށް ބުނާނަމަ މޫސަ ބުނީ ސިޓީ ކައުންސިލުން އެހެން ރަށްތަކަށް ދޭންޖެހޭވަރަށް ސަމާލުކަން ނުދެވި ހުރުމެވެ.
”5000 އަށްވުރެ ގިނަ ރައްޔިތުން އުޅެމުންދާ މިރަށުގައި ހުރީ 1990 ހިސާބުގަ ބިނާކުރި ސިއްޚީމަރުކަޒެއް. އެތަނަކީ މީހަކު ބަލިވެގެންގޮސް ވަންނަވަރު ތަނެއްނޫން. އެތަނަށް ދާއިރަށް ހިތަދޫގެ ހުންނަ ހޮސްޕިޓަލަށް ދާން ބުނޭ. އެމްބިއުލާންސް ކޮބައިތޯ ބަލާއިރު އެވެސް ބާއްވާފަ އޮންނަނީ ހިތަދޫގަ. މިސްކިތު ފުރާޅުން ވެސް ފެން ފައިބަނީ. ކައުންސިލުން އޭސީ ކޮށްދީފަ ހުރި އެއްމެ މިސްކިތެއްނެތް. މީގެއިން އެއްވެސް ކަމެއް ހައްލުކޮށްދޭން ބުނާއިރަށް ރަށު ކައުންސިލުން ދެނީ އެއް ޖަވާބެއް. ހިދަތޫ ސިޓީ ކައުންސިލަށޭ ރަނގަޅު ކޮށްދެވޭނީ. މޭޔަރާ ވާހަކަ ދައްކާށޭ ޖެހޭނީ. މިއީ ކިހާބޮޑު ތަކުލީފެއްތޯ ދެން؟ ކައުންސިލަށް އޭގެން ބޭފުޅަކު ހޯދަން ދިޔަ ކަމުގައިވިޔަސް ބައްދަލެއް ވެސް ނުވޭ. ކޮންމެވެސް ކަމަކު ސިޓީ ކައުންސިލުން އަންގައިގެން ހިތަދޫއަށް ވަޑައިގެންގޮސްފި ކަމަށް ބުނަނީ“ މޫސަ ބުންޏެވެ.
މޫސަ ބުނާގޮތުން ރާއްޖޭގެ 180 އަށްވުރެ ގިނަ ރަށުގައި ކަންކަން ހުރީ މިއަށްވުރެ މާ ފުރިހަމައަށެވެ. އެކަމަކު ފޭދޫ އަކީ ރާއްޖޭގެ 5 ވަނަ އަށް އެއްމެ މީހުންގިނަ ރަށްކަން ވެސް ފާހަގަ ކޮށްލަމެވެ.
އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިކުރުމަކީ ވަރަށް ވެސް އޭނާއާއި އަދި އެރަށުގެ ހުރިހާ ރައްޔިތުންވެސް ބޭނުންވާ ކަމެއް ކަމުގައި މޫސަ ބުންޏެވެ. އަދި މިކަމަށް ތާއީދުކޮށް ވޯޓުލާން އެދޭކަމަށާއި މިއީ މި ސަރުކާރުން ފޭދޫ ރައްޔިތުންނަށް އަމިއްލަ ކުރިއެރުމާއި ތަރައްޤީ ލިބިގަންނަން ހޯއްދަވާދެއްވި ވަރަށް ބޮޑު ހެޔޮ ކަމެއްކަމުގައިވެސް މޫސަ ބުންޏެވެ.
އައްޑޫ ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ފޭދޫ ރައްޔިތުންނާ ކުރަން ނިންމާފައިވާ ސުވާލަކީ ”އައްޑޫ އަތޮޅު ފޭދޫއަށް ޚާއްސަ ކުރެވިގެން، އައްޑޫ އަތޮޅު ފޭދޫ ކައުންސިލު އުފައްދަން ފެނޭ ހެއްޔެވެ؟“ މިއެވެ.
މި ވޯޓު ނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އަދި މިއީ ހަމަޔަގީނުންވެސް އައްޑޫ އަތޮޅަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ ވޯޓަކަށް ވާނެކަން ކަށަވަރެވެ.




