މީޑިއާ ކޮންޓްރޯލް ގާނޫނުގެ ބިލު ފާސްކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެ ތަނުގެ މައިކަކަށް ގެއްލުން ދިން މައްސަލާގައި، މަޖިލީހުގެ ތިން މެންބަރެއްގެ އަތުން އޭގެ އަގު ނެގުމަށް މަޖިލީހުގެ ސުލޫކީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކޮމިޓީގެ މައިކެއް އޮންކުރެއްވުމަށްފަހު ވާހަކަ ދައްކަވަން ފެއްޓެވިއެވެ.
ނަމަވެސް ކޮމިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދަމައިގަންނަން ފެއްޓެވިއެވެ.
އެ ވަގުތު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓާފައި އިމްރާނަށް ދަމައިނުގަނެވޭތޯ މަސައްކަތް ކުރެއްވިއެވެ. އަދި މި ހުރިހާ ކަމެއްގެ ތެރެއިން ކޮމިޓީގައި ބަހައްޓާފައިހުރި މައިކުވަނީ ހަލާކުވެފައެވެ.
އެހެންކަމުން މި މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ކޮމިޓީ ބައްދަލުވުމަށް އެޖެންޑާކޮށް މަޝްވަރާކުރިއެވެ.
އެގޮތުން ލިބުނު ގެއްލުން ފޫބައްދަން ހިނގި ހަރަދު މަޖިލީހުގެ އިދާރާއިން ސާފުކުރުމަށް ފަހު، އެ އަގު ނެގުމަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒްއެވެ. ޝަމީޒްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގެވެ.



