ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 14 މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މިސްކިތްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހާމަކުރައްވާފައެވެ.
އެގޮތުން ރަމަޟާން މަހަށް އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ 14 މިސްކިތުގެ ތެރޭގައި، ހުޅުމާލޭގައި އަލަށް ބިނާކޮށް ހުޅުވާ ދާއިމީ 3 މިސްކިތެއް ވެސް ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މީގެ ތެރެއިން ބައެއް މިސްކިތްތަކުގެ ޢިމާރާތްކުރުމުގެ މަސައްކަތް އެއްކޮށް ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، އިތުރު މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތްތައް ވެސް މިއަހަރުގެ ތެރޭގައި ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.



