ލ. މާވަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މާވަށުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު މާވަށަށް ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި މާވަށުގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ.
މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ މަސައްކަތެކެވެ.
ނޮވެމްބަރު 17، 2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ފުލުހުންގެ ހިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތެވެ. މި ރަށްތަކުގައި ފުލުހުންގެ މަރުކަޒު ނުވަތަ ޕޯސްޓެއް ވެސް ނެތްކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ގާއިމުކުރުމަށް އިސްކަންދީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ.
މިގޮތުން މިހާރު ވަނީ ހދ. އަތޮޅާއި، ގއ. އަތޮޅު، ވ. އަތޮޅު ތ. އަތޮޅު، ފ. އަތޮޅު، އަދި ކ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކޮށްފައެވެ.



