ލ. މާވަށު ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކޮށް، ސީއެމްބިއުލާންސްގެ ޚިދުމަތް ވެސް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި މާވަށަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވިވާހަކަފުޅުގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މާވަށު ސިއްހީ މަރުކަޒަށް ރަނގަޅު ފެންވަރުގެ ކުރިއެރުމެއް ގެނެސްދިނުމަށް އެމަނިކުފާނު މީގެކުރިން ވައުދުވެވަޑައިގެންނެވި ކަމަށެވެ.
އެހެންކަމުން މާވަށު ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށް މިމަހު ކުންފުންޏަކާއެކު އެގްރިމެންޓު ހެދުމުގެ މަސައްކަތް ނިންމަވާނެ ކަމަށާއި އެތަނަށް ކުރިއެރުން ގެނުވާނެ ކަހަލަ މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެގޮތުން އަޅާ އިމާރާތުގައި ހަތަރު އެނދުގެ ވޯޑަކާއި، ނަރސް ސްޓޭޝަން، ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، ލެބް، ލޯންޑްރީ، ގަރާޖް އަދި ސްޓޯރޭޖް ވެސް ހިމެނޭ އިމާރާތެއް އެޅުން އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ކުންފުންޏަކާ ހަވާލު ކުރެވި، ހަމަ މި އަހަރު ތެރޭގައި އަމަލީ ގޮތުން އެ މަޝްރޫޢު ފެށިގެން ދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ދާދި އަވަހަށް ފެށިގެންދާނެ މަޝްރޫޢުއެއް ކަމަށެވެ.




