ތެލެސީމިއާ ކުދިންގެ ގަޔަށް، ތެލެސީމިއާ ސެންޓަރުން ކުނި ލޭ އަޅަންޖެހޭފަދަ ހާލަތެއް މި ޤައުމަށް މެދުވެރި ނުވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ރާއްޖޭގައި ލޭ ހޯދަން ނުހަނު ދަތިވާކަން ފާހަގަކޮށް އެ މައްސަލަ ހައްލުކުރުމާމެދު މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ ގަރާރާ ބެހޭގޮތުން އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ، އެ ގަރާރަކީ 20 ވަނަ މަޖިލިހާ ގުޅޭ ގަރާރެއް ކަމުގައި ގަބޫލު ކުރެވެން ނެތް ކަމަށެވެ. އެއީ މި ގަރާރު ހުށަހަޅަން އެންމެ އައުލާކަން ބޮޑު މަޖިލިހަކީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ މަޖިލިސް ކަމުގައި ޝުޖާއު ވިދާޅުވިއެވެ.
އެއިރު އެމްޑީޕީ ވެރިކަން ހިނގަމުން ދިޔައިރު ރާއްޖޭގެ ތެލެސީމިއާ ކުދިން އުޅެމުންދިޔަ ހާލަތާއި އެކުދިންނަށް ލޭ ހޯދުމަށް ހުރި ދަތިތަކާއި އެ ސަރުކާރުގެ ތެރެއިން އެކަމަށް ހުރި ގޮންޖެހުންތަކާއި ތެލެސީމިއާ ސެންޓަރު ހުރި ހާލަތު ދެނެގަންނަން ޖެހޭ ކަމުގައިވެސް ބާރަށު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
”ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރު ހިނގަމުންދާ ވަގުތާ މި ގަރާރު ނުގުޅެނީ، މިއަދު އެ ހާލަތު ނެތީމަ. އެމްޑީޕީގެ މެންބަރަކު ވިދާޅުވީ، ކުނި ލޭ ތެލެސީމިއާ ކުދިން ގަޔަށް އަޅަން ޖެހުނު ހާލަތަށް މި ޤައުމު ގޮސްފައިވާކަމަށް. އެއީ ދޮގެއް. މި ޤައުމުގެ ތެލެސީމިއާ ސެންޓަރަށް އެއްވެސް ހާލަތެއް މެދުވެރިއެއް ނުވޭ ތެލެސީމިއާ އެއްވެސް ކުއްޖެއްގެ ގަޔަށް ކުނިވެފަ ހުރި ލޭ އަޅަންޖެހޭ ހާލަތެއް“ ޝުޖާއު ވިދާޅުވިއެވެ.


