މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް ލ. ފޮނަދޫގައި މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެމްއައިބީ އިން ބުނީ އެ ބޭންކުން ދޭ ހުރިހާ ހިދުމަތްތަކެއް އެ ސާވިސް ސެންޓަރުން ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް އަދި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށް ބުންޏެވެ.
އެމްއައިބީގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފޮނަދޫގައި ހުޅުވި ސެންޓަރަކީ އެ ރަށުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެ ބޭންކުގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަ އަށް އަދި ފަސޭހައިން ހޯދޭނެ ތަނެއް ކަމަށް އެމްއައިބީ އިން ބުންޏެވެ.
ފޮނަދޫ ސެންޓަރަކީ އެމްއައިބީ އިން ލ. އަތޮޅުގައި ހުޅުވި ތިން ވަނަ ސެންޓަރެވެ. އެ އަތޮޅުގެ ކައްދޫ އާއި ގަމުގައި ވެސް އެ ބޭންކުގެ ސެންޓަރެއް ހުރެއެވެ.
ފޮނަދޫގައި އެމްއައިބީގެ ސާވިސް ސެންޓަރެއް ރައީސް ހުޅުވައިދެއްވާފައި މިވަނީ ލ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ.



