އަންނަ އަހަރުގެކުރީކޮޅު، ލ. މާބައިދޫގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނު ލ. އަތޮޅަށް މިހާރު ކުރަމުން އަންނަ ދަތުރުފުޅުފައި މާބައިދޫ އަށް ވަޑައިގެން އެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވަނީ އެ ރަށުގެ ތަރައްޤީއަށް މުހިއްމު އަހަރަކަށް އަންނަ އަހަރު ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މާބައިދޫގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓު ހިމަނުއްވާނެ ކަމަށެވެ.
އަދި އަންނަ އަހަރުގެ ކުރީކޮޅު ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު ވީ ވަޢުދެއް މިރަށުގެ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރަން. އެކަން ކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ ޖަލްސާގެ ތެރެއިން ވަނީ މާބައިދޫގެ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކެއްގައި ވެސް ސޮއިކޮށްފައެވެ.



