ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ވެވުނު އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް ޚާއްޞަ ވަފުދެއް ފޮނުއްވައިފިއެވެ.
ޣައްޒާގެ މަދަނީ ސަލާމަތީ އިދާރާތަކުން ބުނާ ގޮތުގައި، އޮކްޓޯބަރު 9 އިން ފެށިގެން އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުންވެސް އިސްރާއީލުން ދީފައިވާ ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެ، ގިނަ އަދަދެއްގެ މީހުން ވަނީ ޒަޚަމްވެފައެވެ.
މި ހަމަލާތަކާ ގުޅިގެން، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން ނިމުމަކަށް އަތުވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.
ޓްރަމްޕްގެ ވަފުދުގެ ތެރޭގައި ހިމެނޭ އޭނާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ދަނބިދަރިކަލުން ޖަރެޑް ކުޝްނަރ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ބައްދަލުކޮށްފައެވެ. މި ވަފުދުގެ މައިގަނޑު މަޤްޞަދަކީ އެއްބަސްވުން ދެމެހެއްޓުމަށް އިސްރާއީލަށް ބާރުއެޅުމެވެ.
އެހެންނަމަވެސް ހަމާސްއިން އެއްބަސްވުމާއި ހިލާފުވާކަމަށް ބުނެ، އޮކްޓޯބަރު 19 ގައި ވެސް އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި ވައިގެ ހަމަލާތަކެއް ދީ 42 މީހުން ޝަހީދުކޮށްލައި، ޣައްޒާ ސިޓީއަށް ދިން ހަމަލާއެއްގައި އިތުރު ހަތަރު މީހުން ޝަހީދުކޮށްލާފައެވެ.
ޓްރަމްޕް ޤަބޫލުކުރައްވާ ގޮތުގައި އެއްބަސްވުމާ ޚިލާފުވަމުންދަނީ ހަމާސްގެ ވަކިވަކި މެންބަރުންނެވެ. ނަމަވެސް، ހަމާސުން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވާނަމަ، އެ ޖަމާޢަތް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
އޮކްޓޯބަރު 21 ވަނަ ދުވަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް އިސްރާއީލަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގެ މައިގަނޑު މަޤްޞަދަކީ ހަނގުރާމަ އަލުން ފެށުން ހުއްޓުވުމެވެ.



