މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން އިސްލާމީ ދާއިރާތަކުގެ 15 މަޝްރޫއުއެއް އަންނަ ރަމަޟާން މަހުގެ ކުރިން ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ޝަހީމް ވިދާޅުވީ ހުރިހާ މަޝްރޫއުއެއް ވެސް ނިންމަން ސަރުކާރުން އަންނަނީ ވަރަށް ބުރަކޮށް މަަސަައްކަތް ކުރަމުން ކަމަށެވެ. އަދި އިސްލާމީ ދާއިރާގެ މަޝްރޫއުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަަރަށް ބޮޑު އަހައްމިޔަތުކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
”މިގޮތުން ޕްރައިވެޓް ސެކްޓާގެ ކުންފނިތަކަށް، މަޝްރޫއުތައް ނިންމުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައި. އެއީ މަޝްރޫއުތައް ނިންމުމަަށް. މާތްﷲ އިރާދަކުރެއްވިއްޔާ އަންނަ ރޯދަމަހުގެ ކުރިން، ބޮޑު 15 މަޝްރޫއެއް އިސްލާމީ ދާއިރާގެ ނިމިގެންދާނެ. އޭގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ،“ މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން އިސްލާމިކް މިނިސްޓަރ ވިދާޅުވި ގޮތުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އިތުރުން ކީރިތި ޤުރްއާންއާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެއީ ޤުރުއާންއާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމްކުރަން ރައީސް އިއުލާނުކުރައްވާފައިވާ ހާއްސަ ސިޔާސަތެއްގެ ދަށުން ކުރާ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.




