މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ސަރުވަޝް އިސްތިއުފާ ދެއްވިކަން އޭނާވަނީ ”އެކްސް“ މެދުވެރިކޮށް ހާމަކޮށްފައެވެ.
ޕެންޝަން އޮފީހުގެ ބޯޑުން މިއަދު އިސްތިއުފާ ދެއްވައިފިކަން ހާމަކުރައްވަމުން ސަރުވަޝް ވިދާޅުވީ އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ ސަބަބުން، އިގްތިސާދީ ގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އަދި މިކަމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުގެ އިތުރުން ފިޑޫޝަރީ ނުވަތަ ޕެންޝަން އޮފީހުން ފައިސާ މެނޭޖުކުރުމުގެ ޒިންމާތައް އަދާކުރުމުގެ މައްސަލަތަކެއް ވެސް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި މުއާމަލާތް ހިންގަނީ ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ޓީބިލްތައް އެމްއެމްއޭ އަށް ވިއްކައިގެންނެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ އިތުރަށް ޓީބިލް ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅައިފައެވެ. އެއީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ޓީބިލެވެ. އެހެންކަމުން ޕެންޝަން އޮފީހުން އެމްއެމްއޭއަށް ވިއްކާ ޓީބިލުން ލިބޭ ފައިސާއިން ސަރުކާރުން އިތުރަށް މި ފައިސާ ހޯދަނީއެވެ.
ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައިވާ ގޮތުން މި މުއާމަލާތުގައި ޕެންޝަން އޮފީސް ވަނީ މެދުވެރިއަކަށެެވެ.
ފިނޭންސް މިނިސްޓްރީން ފޮނުވި ނޯޓުގައި، އެ ފައިސާ ބޭނުންވަނީ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކަމަށް ބުނެފައިވާ ކަމަށް ސިޓީގައި ވެއެވެ.



