ލ. ގަސްގަނޑުފިނޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރަން ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓުއަފިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިއަދު ބުނީ ފަތުރުވެރިކަން މިހާތަނަށް ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ލ. ގަސްގަނޑުފިނޮޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ އެ މިިނިސްޓްރީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅުގައި އިއްޔެ އެ އަތޮޅު ގަމަށް ވަޑައިގަތުމުން ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިނިސްޓްރީން ބުނީ ރައީސް މުޢިއްޒުގެ ދުރުވިސްނިވަޑައިގަތުމުގެ ދަށުން، ފަތުރުވެރިކަން ތަރައްޤީނުވެ ހުރި އަތޮޅުތަކުގައި ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ޚާއްސަ ލުއިފަސޭހަ ކަންކަމެއް ތަޢާރަފްކުރައްވާފައިވާ ކަމަށެވެ.
މި ސިޔާސަތުގެ ދަށުން، ލ. ގަސްގަނޑުފިނޮޅު ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހުޅުވާލި އޯޕަން ބިޑިންގ އުސޫލުން އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާފައި ވަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ގަސްގަނޑުފިނޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ، ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކޮށް، އިޤްތިޞާދީ ފައިދާ ފުޅާކުރުމަށް ކުރާ މުހިންމު މަސައްކަތެކެވެ.
މި ރިޒޯޓު ތަރައްޤީކުރުމުގެ ސަބަބުން ލ. އަތޮޅަށް އާ އުއްމީދުތަކެއް ގެނެސް، ވަޒީފާގެ ފުރުޞަތުތަކާއި އަތޮޅުގެ އިޤްތިޞާދަށް ކުރިއެރުން ލިބިގެންދާނެއެވެ.


