ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިސްރާއީލުން ފަސޭހަކޮށްދޭންޖެހޭނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުން އިސްރާއީލަށް ލާޒިމްވާނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނެފިއެވެ.
އދ.ގެ އެންމެ މަތީ ކޯޓުން މި ރޫލިން ނެރެފައި މި ވަނީ އިސްރާއީލާއި ހަމާސް އިން ދެ އަހަރަށް ފަހު ހަމަލާތައް ހުއްޓާލި ވަގުތާ ދިމާކޮށް، އެހީގެ ޖަމާއަތްތަކުން މަސައްކަތް ހަލުވިކޮށްފައި ވަނިކޮށެވެ. އެހެންނަމަވެސް، އިސްރާއީލުގެ ހިސާރުގެ ސަބަބުން ބަނޑަށް ޖެހިފައިވާ ޣައްޒާއަށް އެކަށީގެންވާ ވަރާ ގާތަށް ވެސް އެހީގެ ސާމާނު އަދިވެސް ނުވެއްދޭ ކަމުގެ ކަންބޮޑުވުން އދ. އާއި އެހީގެ ޖަމާއަތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.
އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، އދ. އާއި އެ އިދާރާގެ ދަށުން ހިންގާ ޖަމިއްޔާތަކުން ހިންގާ އެހީގެ ޕްރޮގްރާމްތައް ގަބޫލުކޮށް، ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަކީ އިސްރާއީލުގެ ޒިންމާއެއް ކަމަށެވެ.
މީގެ ތެރޭގައި، ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިސްރާއީލަށް ދިން ހަމަލާގައި އެ ތަނުގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އިސްރާއީލުން ތުހުމަތުކޮށް މަނާކޮށްފައިވާ، ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަ އދ.ގެ އޭޖެންސީ، އުންރުވާ ވެސް ހިމެނެއެވެ.
އައިސީޖޭގެ ”އެޑްވައިޒަރީ އޮޕީނިއަން“ އަކީ ގާނޫނީ ގޮތުން އެއަށް އަމަލުކުރުން ލާޒިމް ނިންމުމެއް ނޫން ނަމަވެސް، ގާނޫނީ އަދި އާންމު ހަމަތަކުގެ މަތިން ވެސް އިސްރާއީލަށް މި ކަމުގައި ބޮޑު ޒިންމާއެއް އޮންނާނެ ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި އިސްރާއީލުން އުންރުވާއަށް ކުރާ ތުހުމަތު ސާބިތުކުރެވޭނެ ހެއްކެއް ނެތް ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.
ކޯޓުގެ އަޑުއެހުންތަކުގައި އިސްރާއީލުން ބައިވެރިނުވި ނަމަވެސް، މިއަދުގެ އަޑުއެހުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދެއްކި އިސްރާއީލުގެ އޮފިޝަލަކު ބުނެފައިވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
އަދި އިސްރާއީލުން އެހީގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކުގައި މަސައްކަތްކުރާ ކަމަށާއި، ނަމަވެސް އުންރުވާއަށް އެއްބާރުލުން ނުދޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.



