އެމެރިކާގެ ގިނަ ރައްޔިތުން ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދުކުރާކަމަށް ރޮއިޓާސްއިން ހިންގި ހިޔާލު ހޯދުމުގެ ސާރވޭއަކުން ހާމަވެއްޖެއެވެ.
ރޮއިޓާސްއިން ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސާރވޭގައި ބައިވެރިވި 59 އިންސައްތަ މީހުން ވަނީ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ދިނުމަށް ތާއީދުކޮށްފައެވެ.
އަދި 33 އިންސައްތަ މީހުން މިކަމާ ދެކޮޅު ހަދާފައިވާއިރު، އަނެއް ބައި މީހުން ވަނީ އެއްވެސް ކޮޅަކަށް ނުޖެހި ވޯޓު ދީފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި މިކަމާ މެދު ތަފާތު ހިޔާލުތައް ފެންނަން ހުއްޓެވެ. އެގޮތުން ރިޕަބްލިކަނުންގެ 53 އިންސައްތަ މީހުން ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ދިނުމާ ދެކޮޅު ހަދާއިރު، 41 އިންސައްތަ މީހުން މިކަމަށް ތާއީދުކުރެއެވެ.
ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ އެންމެ ގާތް އެކުވެރިންކަމުގައިވާ ފްރާންސް، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވަނީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ތާއީދުކުރާކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
މިކަމުގެ ސަބަބުން އިސްރާއީލް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، ނަތަންޔާހޫގެ ސަރުކާރުން ވަނީ މިއީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމުގައި ސިފަކޮށްފައެވެ.



