އައްޑޫގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދޭން ބާރުއެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މާލެ އާއި އައްޑޫގައި ކުރިއަށް ގެންދިޔަ ވޯޓުގައި އައްޑޫ ސިޓީ ކައުންސިލާ އެކު ދެމިއޮންނަން ފޭދޫން ވޯޓު ދިން ނަމަވެސް ހުޅުދޫ އާއި މީދޫ، ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް ހަދަން ބޭނުންވާ ކަމަށް ވޯޓުގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއަދުގެ ވޯޓުގައި، ވޯޓުދިން މީހުންގެ ތެރެއިން ވަކި ކައުންސިލެއް ހަދަން ދިނީ 2،176 ވޯޓު ކަމަށާއި ސިޓީއެއްގެ ގޮތުގައި ބާއްވަން ދިނީ 2،251 ވޯޓު ކަމަށެވެ. އެހެން ނަމަވެސް މީދޫ އާއި ހުޅުދޫގެ ވޯޓުދިން މީހުންގެ ބޮޑު އަޣުލަބިއްޔަތު ވޯޓު ދިނީ ސިޓީން ވަކިވާންކަން ނަޝީދު ފާހަގަކުރެއްވި އެވެ.
”މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުން ވެސް ބާރުއަޅުއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،“ ނަޝީދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފޭދު އާއި މީދޫ އަދި ހުޅުދު އަށް ހާއްސަކޮށްގެން ބޭއްވި މި ވޯޓުގައި ވޯޓުލާފައިވަނީ 4510 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 47.1 ޕަސެންޓެވެ. އަދި 5066 މީހަކު ވޯޓުގައި ބައިވެރިވެފައި ނުވާއިރު، އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 52.9 ޕަސެންޓެވެ.
މި އިންތިހާބުގައި ވޯޓުލާފައިވަނީ 2139 ފިރިހެނުން އަދި 2371 އަންހެނުންނެވެ.
މި ފެންނަ ނުފެނަނަ ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ.
މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބިފައިވާ އިރު، ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.




