ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ، އިންސާނިއްޔަތާ ދެކޮޅަށް ހިންގި ބޮޑެތި ޖަރީމާތަކުގެ ދައުވާތަކުގެ ހުކުމް އަންނަ މަހުގެ 13 ވަނަ ދުވަހު އިއްވާގޮތަށް ހަމަޖައްސައިފިއެވެ.
އެޓާނީ ޖެނެރަލް އެމްޑީ އަސަދުއްޒަމާން ވިދާޅުވީ، ހަސީނާގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވުނު ޝަރީއަތްތައް ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ.
އުމުރުން 78 އަހަރުގެ ހަސީނާގެ ވެރިކަން މިދިޔަ އަހަރު ދަރިވަރުން ނިކުމެ ކުރި މުޒާހަރާތަކަށް ފަހު ވެއްޓުމާ އެކު، އޭނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ. ޝަރީއަތަށް ހާޒިރުވުމަށް އަންގާފައިވާ އަމުރުތަކަށް ވެސް ހަސީނާ ތަބާވެވަޑައެއް ނުގަންނަވަ އެވެ.
ދައުލަތުން ހަސީނާއާ ދެކޮޅަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރާ ދެކޮޅު މީހުން މެރުން ނުހުއްޓުވުމުގެ ކުށް ހިމެނެއެވެ. މިއީ ބަންގްލާދޭޝްގެ ގާނޫނުގައި އިންސާނިއްޔަތާ ހިލާފު ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެކެވެ. މުޒާހަރާގެ ތެރޭގައި ހިންގި މަރާލުންތަކުގެ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ، ހަސީނާއަށް މަރުގެ އަދަބު ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އދ. އިން އަންދާޒާކުރާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި އާއި އޯގަސްޓް މަހާ ދެމެދު ބަންގްލާދޭޝްގައި ވަނީ 1،400 މީހަކު މަރާލާފައިވެ އެވެ.
ޖޫން 1 ވަނަ ދުވަހު ހަސީނާގެ ޝަރީއަތްތައް އޭނާގެ ޣައިރު ހާޒިރުގައި ފެށިގެން ކުރިއަށް ދިޔައިރު، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި އަދި ސިޔާސީ އިދިކޮޅު ފަރާތްތައް މެރުމުގައި ސީދާ ހަސީނާގެ ފަރާތުން އަމުރުތައް އައި ކަމުގެ ތުހުމަތު ސާބިތުކުރުމަށް އެތައް ބަޔަކު ވަނީ ހެކިބަސް ދީފައެވެ.
އިސް ޕްރޮސެކިއުޓާ ތާޖުލް އިސްލާމް ތުހުމަތުކުރައްވާފައިވާ ގޮތުގައި ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ދެކޮޅަށް ހުރިހާ ޖަރީމާތަކެއް ހިންގުމުގެ މެދުގައި ހުރީ ހަސީނާ ކަމަށް ޝަރީއަތަށް ހުށަހެޅުނު ހެކިތަކުން ސާބިތުވެ އެވެ.
ފަސް މަސް ދުވަހަށް ދެމިގެން ދިޔަ ޝަރީއަތް ނިމި ހުލާސާ ބަޔާނުގައި އެޓާނީ ޖެނެރަލް އަސަދުއްޒަމާން ވިދާޅުވީ އިންސާފު ގަބޫލުކުރައްވާ ނަމަ ހަސީނާ ޝަރީއަތަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާ ފިއްލެވުމަކީ ކުރެވޭ ތުހުމަތުތަކަށް ބާރު ލިބޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
”އެއީ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެއް. އެކަމަކު ބޮޑު ގައުމެއް [ވާނެ ގޮތެއް ވާން] ދޫކޮ ފިއްލެވީ. އެ އަމަލުން ވެސް ބާރު ލިބެނީ މި ކުރާ ތުހުމަތުތަކަށް.“ އަސަދުއްޒަމާން ވިދާޅުވިއެވެ.
ހަސީނާއާ އެކު، އޭނާގެ ވެރިކަމުގައި އިސް މަގާމުތަކުގައި ތިއްބެވި އިސް ބޭފުޅުންނަށް ވެސް ވަނީ މި ދައުވާތައް އުފުލާފަ އެވެ. އެއީ ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުޒުމާން ޚާން ކަމާލް އާއި ފުލުހުންގެ ކުރީގެ ވެރިޔާ ޗައުދަރީ އަބްދުﷲ އަލް މާމޫން އެވެ. އަސަދުޒުމާން ޚާން ކަމާލް ވެސް ވަނީ ވެރިކަން ވެއްޓުމާ އެކު ފިލައިގެން ގޮސްފައެވެ.
ހައްޔަރުކޮށްފައިވާ ޗައުދަރީ އަބްދުﷲ އަލް މާމޫން ވަނީ އޭނާއާ ދެކޮޅަށް ކުރެވޭ ދައުވާތަކަށް އިއުތިރާފު ވެފައެވެ.



