އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮޑެތި ކޮންސްޓަރްކްޝަން ކުންޏާއި، ގާފުނި އަޅަން ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އިސްރާއީލުގެ ނޫހެއްކަމަށްވާ ”ހާރެޓްޒް“ ނޫހުންނެވެ. އެ ނޫހުން ބުނީ އެ ނޫހަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަނީ އިސްރާއީލުގެ އަސްކަރިއްޔާއިން އިސްރާއީލުގެ ގިނަ އަދަދެއްގެ އިމާރާތް ކުރުމުގެ ކުނި އުފުލައި ޣައްޒާއަށް އުކާލަމުންނެވެ.
އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްރާއީލުން ދަތުރުކުރާ ޓްރަކްތައް ކިސުފިމް ކްރޮސިން ކައިރިން 200 އާއި 300 މީޓަރާއި ދެމެދުގެ ދުރުމިނަކަށް ދަތުރުކޮށް، އިމާރާތްތަކުގެ ބައިތަކާއި ކުނި އެއްލާލުމަށް ފަހު އެނބުރި އިސްރާއީލަށް ދެއެވެ. އޭގެ ފަހުން އެކްސްކަވޭޓަރުން ޓްރަކްތައް ރީފިލްކޮށް، އެ ކުނި އެޅުމުގެ މަސައްކަތް ތަކުރާރު ކުރަމުންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މި ކުނިތަކަކީ ޣައްޒާގައި ގަތުލުއާންމު ހިންގަމުންދިޔަ ދުވަސްވަރު އިސްރާއީލު ސިފައިން ޣައްޒާގެ ބޯޑަރު ކައިރީގައި ގިނަ އަދަދެއްގެ ބޭސްތަކާއި ކޮމާންޑް ޕޯސްޓްތައް ގާއިމް ކުރުމަށްފަހު ދޫކޮށްލި އިމާރާތްތަކުގެ ބައިތަކެވެ.
އިސްރާއީލުގެ އޮފިޝަލުން ހާރެޓްޒް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ފީލްޑް ކޮމާންޑަރުން ނިންމާފައި ވަނީ ޣައްޒާއަށް ކުނި ނައްތާލުމަށް ކަމަށެވެ. އަދި އިސްރާއީލުގެ އަމިއްލަ ކުންފުނިތަކުގެ ޓްރަކްތައް ޣައްޒާއަށް ވަދެ އެ ކުނިތައް އުކާލުމަށް ހުއްދަ ދީފައިވާ ކަމަށް ވެސް އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ.
ހަނގުރާމަ ހުއްޓާލިކަމަށްބުނެ އިސްރާއީލުން ދަނީ ފަލަސްތީނު ރައްޔިތުންނަށް އެތައް ގޮތަކުން ދިރިއުޅެން ދަތިކުރަމުންނެވެ.


