ހައިކޯޓުގައި މައްސަލަ ރަޖިސްޓްރީކުރަން ދައްކަން ޖެހޭ 300 ރުފިޔާ ނުދެއްކި ކަމަށް ބުނެ، އެ ކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ބަލައިގަންނަން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު އަންގައިފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއިކޮށް ކޯޓުން ބޭރުކޮށްލި މައްސަލައަކީ، މަސްދޯންޏެއްގައި 72 ކިލޯ ޑުރަގު އެތެރެކުރި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އިރުފާން ތަގިއްޔުގެ މައްސަލައެވެ. އަނެއް ދެ މީހުންގެ މައްސަލަ ކުރިން ވަނީ ބަލައިގެންފައެވެ.
މި މައްސަލަ ބޭރުކޮށްލި ގޮތުގެ ރިޕޯޓުގައިވާ ގޮތުގައި، މި މައްސަލައިގެ ރަޖިސްޓްރީ ފީ ދައްކަން ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އަންގާފައި އޮތް މުއްދަތުގެ ތެރޭގައި ފީ ދައްކާފައެއް ނުވެއެވެ.
ނަމަވެސް އެ ރިޕޯޓް އަލުން ރިވިއުކޮށްދިނުމަށް އެދި ހުށަހެމުން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގަންނަން އަންގައި، ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްފައެވެ.
އަދި މި މައްސަލައިގައި ޕީޖީ އޮފީހުން ފަރުވާ ކުޑަކޮށްފައިނުވާކަމަށާއި، ކަނޑައެޅިފައިވާ ރަސްމީ ޗެނަލުން ހައިކޯޓުން މި މައްސަލައިގައި ޕީޖީ އޮފީހާ މުއާމަލާތް ކޮށްފައިނުވާކަން ފަނޑިޔާރުންގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
މިއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ”މަސްޖަރީ-2“ ކިޔާ ދޯންޏެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑުރަގު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ ސ. ހުޅުދޫ ދޭލިއާގެ / އިރުފާން ތަގިއްޔުއަށް ރައްދުވާ ގޮތަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ އިސްތިއުނާފު މައްސަލައެވެ.
މި މައްސަލައިގައި އޭނާއާއެކު ދެން ހިމެނޭ ދެ މީހުންނަކީ އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ / އަހްމަދު ނަސީރު އާއި މުހައްމަދު ހ. ގާޑަންބިއުޓީ / އަކްރަމް އެވެ. ދަށު ކޯޓުން، ގާޒީ އިބްރާހީމް އިހުސާން މި ތިން މީހުންގެ މައްޗަށްވެސް ހުކުމް ކުރީ ކުށް ސާބިތުނުވާ ކަމަށެވެ.



