ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ޅ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަަރަހައްދަށް ހުދު ސަމާލު ނެރުނީ އިރުއޮއްސި 18:00 އިން މިރޭ 00:00 އަށެވެ.
މެޓުން ނެރުނު ސަމާލުގައި ބުނީ، އެވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މެޓުން މިއަދު ބުނެފައިވެއެވެ. މި ދުވަސްވަރަކީ އެލްނީނޯގެ ދުވަސްވަރަކަށްވުމާއެކު، ކުއްލިއަކަށް މޫސުން ގޯސްވެ ވިއްސާރަވާ މިންވަރު ވަނީ އިތުރުވެފައެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ ދަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފަވަނީ، ރާއްޖޭގެ ދެކުނަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ވައިގެ ބާރުމިން ހުންނާނީ، 5 މޭލާއި 15 މޭލާ ދެމެދުގައެވެ. ނަމަވެސް އެ އިދާރާއިން އަންދާޒާކޮށްފައިވަނީ، ކަނޑުތައް މަޑުވާނެ ކަމަށެވެ.
މިދުވަސްތަކުގައި ވިސިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރުވެސް ދަށެވެ. އެގޮތުން އާއްމުގޮތެއްގައި 9 ކިލޯ މީޓަރުގައި ހުންނައިރު މިވަގުތު ދުރު ފެންނަ މިންވަރު ހުރީ 7 ކިލޯމީޓަރުގައި ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.



