ދުނިޔޭގެ އެންމެ ދުވަސްވީ ރައީސް ކަމަށްވާ ކެމެރޫންގެ ރައީސް ޕޯލް ބިޔާ، އުމުރުފުޅުން 92 އަހަރުގައި، 8 ވަނަ ދައުރަކަށް އަލުން އިންތިހާބުވެއްޖެ ކަމަށް އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
ނަމަވެސް މި އިންތިހާބުގެ ނަތީޖާ އިދިކޮޅު ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ. އެމީހުން ބުނަމުންދަނީ އިންތިހާބު ކާމިޔާބުކުރީ އިދިކޮޅު ފަރާތްތަކުން ކަމަށާއި، ސަރުކާރުން ނަތީޖާއަށް ނުފޫޒު ފޯރުވައި އޮޅުވާލާފައިވާ ކަމަށެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ރައީސް ބިޔާ އަށް ލިބިވަޑައިގެންފައި ވަނީ ވޯޓްލީ މީހުންގެ ތެރެއިން 53.7 ޕަސެންޓް ވޯޓެވެ. އަދި އިދިކޮޅު ކެންޑިޑޭޓް އިސާ ޗިރޯމާ ބަކަރީ އަށް ލިބިވަޑައިގަތީ 35.2 ޕަސެންޓް ވޯޓެވެ. މި ނަތީޖާ އިއުލާންކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދަނީ މި ނަތީޖާ ގަބޫލުނުކޮށް މުޒާހަރާ ކުރަމުންނެވެ.
އިންތިހާބަށް ފަހު ކެމެރޫންގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފަ އެވެ. މަގުމަތީގެ މުޒާހަރާތައް ހޫނުވެ، ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި، ކެމެރޫންގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ ޑުއޯލާގައި އިއްޔެ ވެސް ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރައީސް ޕޯލް ބިޔާ އަކީ 1982 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކެމެރޫންގެ ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އެ ގައުމުގެ ދެވަނަ ރައީސެވެ. އެހެންކަމުން، ބިޔާ އަކީ ދުނިޔޭގައި މިހާރު ވެރިކަން ކުރައްވާ ރައީސުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ރައީސްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ނަމަވެސް އެފްރިކާ ބައްރުގައި ވެރިކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވީ ރައީސަކީ އެކްޓޯރިއަލް ގިނީގެ ރައީސް ޓިއޮޑޯރޯ އެންގުއެމާ އެމްބާސޯގޯ އެވެ. އުމުރުފުޅުން 83 އަހަރުގެ ޓިއޮޑޯރޯ ވެރިކަން ކުރައްވަން ފެއްޓެވީ 1982 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.
ބިޔާ އަކީ އެ ބައްރުގައި ވެރިކަން ކުރައްވާތާ ދެވަނަ އަށް އެންމެ ގިނަ ދުވަސްވީ ރައީސެވެ.



