އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ހަނގުރާމަމަތީ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ދެކުނު ޗައިނާ ކަނޑަށް ވެއްޓިއްޖެއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނީ، މި ދެ އަސްކަރީ އުޅަނދު ވެއްޓިފައި ވަނީ ތަފާތު ދެ ހާދިޘާއެއްގައި ކަމަށެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި މި ދެ އުޅަނދަކީ ވެސް އެއް އަސްކަރީ މަނަވަރަށް ނިސްބަތްވާ ދެ އުޅަނދު ކަމަށެވެ. އެއީ ޔޫއެސްއެސް ނިމިޓްޒް މަނަވަރެވެ. ފުރަތަމަ ވެއްޓިފައި ވަނީ ސީ ހޯކް އަސްކަރީ ހެލިކޮޕްޓަރެކެވެ. އެއަށްފަހު އެފްއޭ-18އެފް ސުޕަރ ހޯނެޓް މަރުކާގެ ފައިޓާ ޖެޓު ވެއްޓިފައި ވަނީ ހެލިކޮޕްޓަރު ވެއްޓުމުގެ ގަޑިއިރެއްހާއިރު ފަހުންނެވެ.
މި ހާދިޘާތައް ހިނގާފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި އާންމުކޮށް ހިންގާ އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދަނިކޮށެވެ. ނަމަވެސް ސީދާ ކޮން ސަރަޙައްދެއްގައި ހިނގި ހާދިޘާއެއް ކަމެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިޘާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ވެސް ކަނޑުގެ ސިފައިން ބުނެފައިވެއެވެ.
ދެ ހާދިޘާ ހިނގާފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިޔާއަށް ދަތުރުފުޅެއް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. ހާދިޘާތަކާ ގުޅޭގޮތުން އެއަރ ފޯސް ވަންގައި ހުންނަވައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެ ފަދަ ހާދިޘާތައް ހިނގުމަކީ އާދަޔާޚިލާފު ކަމެއް ކަމަށެވެ. އަދި އެ ހާދިޘާތައް މެދުވެރިވީ ބޭނުންކުރެވުނު ތެލެއްގެ ސަބަބުން ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އުޅަނދުތައް ވެއްޓެން މެދުވެރިވި ސަބަބު ވަރަށް އަވަހަށް ދެނެގަނެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.



