ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި ކ. އަތޮޅުގެ ތިން ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މާލެ އަތޮޅުގެ ފުރަތަމަ ރަށަކަށް ކާށިދޫއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ކާށިދޫއަށް ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.
ރައީސް މުޢިއްޒު ކާށިދޫއަށް ވަޑައިގަތުމަށްފަހު އެރަށުގައި ވަނީ ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަނެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

މީގެއިތުރުން އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމާއި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ އިރުރުން ފިޓްނެސް ސެންޓަރެއް ގާއިމްކުރުމުގެ ބިންގާ އެޅުންފަދަ މުހިންމު މަޝްރޫއުތައް ވަނީ ފަށާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



