އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާސިލުކުރެއްވި ރެކޯޑަކީ މުގުރާލަން ފަސޭހަ ނުވާނެ ރެކޯޑެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މި ތާރީހީ ކާމިޔާބު ހާސިލުކުރެއްވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައިގެންނެވެ. މި ރެކޯޑު ފުރިހަމަވީ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާ އެކުގައެވެ.
ދިވެހި ތާރީޚަށް ބަލާއިރު، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. އޭރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މި ކާމިޔާބީ ހާސިލުކުރެއްވީ 5 އަހަރު ދުވަހުގެ ތެރޭގައެވެ.
އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މީހުން ދިރިއުޅޭ 187 ރަށާއި ސިޓީތަކަށް 1 އަހަރާއި 11 މަހުން (ގާތްގަނޑަކަށް 110 ހަފުތާއިން) ރައީސް މުޢިއްޒު ޒިޔާރަތް ކުރެއްވުމަކީ ރަށްތަކަށް އިސްކަން ދެއްވުމާއި، މުރާލިކަމުގައި ވެސް ނަމޫނާއެއް ކަމަށެވެ.
”މިއީ ރާއްޖޭގެ ތާރީޚުގައި މުގުރައިލުން ދެން ފަސޭހަ ނުވާނެ ޝަރަފްވެރި ރެކޯޑެއް،“ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރައީސްގެ މި ދަތުރުފުޅުތަކުގައި ކޮންމެ ރަށަކުން ރައްޔިތުންނާ ބައްދަލު ކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރެއްވިއިރު، އެންމެ ކުރީ ސަފުގައި އިސްރަށްވެހީން ބައިތިއްބަވާ ޢިއްޒަތް ދެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ކުޑަކުދީންގެ ޙާލު ބައްލަވައި، ސްކޫލްކުދީންގެ ހުށަހެޅި ކަންކަމަށްވެސް ވަގުތުން އިޖާބަ ދެއްވި ކަމަށެވެ. އަދި ކޮންމެ ރަށަކުން ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައި ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މިހާރުވެސް ވަރަށް ގިނަ ރަށްރަށަށް ދެވަނަ ޒިޔާރަތެއްވެސް ކުރައްވާފައިވާ ކަމަށާއި، މި ދައުރު މެދަށް ދާއިރު ހުރިހާ ރަށަކަށް ދެ ވަނަ ޒިޔާރަތް ނިންމަވާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ރައްޔިތުންގެ ޙާލު ގާތުން ބެއްލެވުން. ރައްޔިތުންނަށް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ ގާތްކަން. އަދި ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ޙާލު އަމިއްލައަށް ދެކެވަޑައިގަތުމާއި، ރައްޔިތުންނަށް އަޅައިލެއްވުމުގައި ފެނުނު ރީތި ނަމޫނާއެއް،“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ރައީސް މި ދަތުރުފުޅުތަކާއެކު، ކޮންމެ ރަށެއްގެ ރައްޔިތުން އެދޭ ތަރައްޤީގެ މަޝްރޫޢުތައް ފެށި، އަސާސީ ޚިދުމަތްތައް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ކޮންމެ ރަށަކަށް ލިބި، ލާމަރުކަޒީ ހަގީގީ ބާރުވެރިކަން ރަށްތަކަށް ކަށަވަރުވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިކަން ވާނީ މުޅި ޤައުމު ބަލައިގަންނާނެ އުފަލަކަށް އަދި ފަޚުރަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



