އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއަށް އަލުން ވަރުގަދަ ހަމަލާތައް ދޭން އަސްކަރިއްޔާއަށް އަމުރުކޮށްފިއެވެ.
ސަލާމަތީ ކަންކަމާ މަޝްވަރާ ކުރުމަށްފަހު، ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާއަށް ވަގުތުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާއަށް އަންގާފައި،“ ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.
އިސްރާއީލުން ބުނިގޮތުގައި، މިގޮތަށް ނިންމި ސަބަބަކީ، އެއްބަސްވުމުގެ ދަށުން ހަމާސްއިން ހަވާލުކުރަންޖެހޭ އަސީރުންގެ ހަށިތައް އަދިވެސް ހަވާލުކޮށް ނުނިމުމާއި، އެންމެ ފަހުން ހަވާލުކުރި ހަށިގަނޑަކީ މީގެ ދެ އަހަރު ކުރިން ހަވާލުކުރި ހަށިގަނޑެއްގެ ބައެއް ކަމަށެވެ.
ޣައްޒާގައި ހަމަލާދޭތާ ދެ އަހަރު ފަހުން ހަމަލާތައް ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސް އިން ހިލާފުވެ، 28 ހަށިގަނޑު ހަވާލުކުރުމުގެ ސުންގަޑި ވެސް ހަމަވެފައިވާ ކަމަށް ބުނެއި އިސްރާއީލުން ގެންދަނީ ޢައްޒާއަށް އިންޒާރުތައް ދެމުންނެވެ.
އިސްރާއީލުން ބުނި ގޮތުގައި އެންމެ ފަހުން ހަވާލުކުރި، 16 ވަނަ ހަށިގަނޑަކީ، މީގެ ދެ އަހަރު ކުރިން ހަވާލުކުރި އެހެން އަސީރެއްގެ ހަށިގަނޑުގެ ބައިތަކެވެ. މިކަމަކީ މި މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމާ ހިލާފު އަމަލެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އާއި އިސްރާއީލުގެ އަސީރުންގެ އާއިލާތަކުގެ ޖަމިއްޔާއިން ދަނީ ބުނަމުންނެވެ. އަދި އެ ޖަމިއްޔާއިން ގެންދަނީ މިކަމާ ގުޅިގެން އިސްރާއީލުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ބުނެ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
އޮކްޓޫބަރު 7، 2023ގައި އިޒްރޭލަށް ހަމާސް އިން ހަމަލާދީ 1،221 މީހަކު މަރާލި އިރު އަސީރުންގެ ގޮތުގައި 251 މީހަކު ވެސް ގެންދިޔައެވެ. އޭގެ ތެރެއިން ބައެއް މީހުން ކުރިން މިނިވަންކުރުމަށް ފަހު ބާކީ ތިބި 20 މީހުން މިނިވަންކުރީ މިފަހަރުގެ އެއްބަސްވުމުގެ ދަށުންނެވެ.
އިޒްރޭލުން ޣައްޒާގައި ދެ އަހަރު ތެރޭ 67،000 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މުޅި ޣައްޒާ ބިމާ ހަމަވެ މުޅި ސިޓީ ބަނޑަށް ޖެއްސިއެވެ.



