ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހުސްވާ މެންބަރުކަމުގެ މަގާމަށް ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެޗްއާރުސީއެމްގެ މެންބަރެއްގެ މަގާމު ހުސްވަނީ އެ ކޮމިޝަންގެ މެންބަރު މަރިޔަމް މުނާގެ ފަސް އަހަރުގެ ދައުރުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާތީއެވެ.
އެހެންކަމުން އެ މަގާމަށް ރަމީލާ އައްޔަނު ކުރުމަށް މިދިޔަ މަހު ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހަށް ނަން ފޮނުއްވާފައެވެ.
ރަމީލާގެ ނަން ދިރާސާ ކުރި މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީން ނިންމާފައި އޮތީ އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށެވެ.
އެ ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ރަމީލާ އެ މަގަމާށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދިނީ 63 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ރަމީލާއަކީ މި ސަރުކާރުގެ ކެބިނެޓް އެކުލަވާލިއިރު، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މެންޑޭޓް ހަވާލު ކުރި މިނިސްޓަރެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން މިނިސްޓަރު ކަމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.



