ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް ސަބީހާ އަޙްމަދު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން އައްޔަނު ކޮށްފިއެވެ.
އެ މަގާމަށް ސަބީހާ އައްޔަނު ކުރިއިރު، އޭނާ ހުންނެވީ ވިޒިޓް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) ގެ މަގާމުގައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ސަބީހާ ވަނީ މީގެކުރިން ޖުމޭރާ ގްރޫޕް، ފެއަރމޮންޓް މޯލްޑިވްސް، އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޭލްސް އެންޑް މާކެޓިންގ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ.
މީގެއިތުރުން، ވިޒިޓް މޯލްޑިވްސްއާ ގުޅިވަޑައިގަތުމުގެ ކުރިން އެކަމަނާ ވަނީ ހިލްޓަން ހޮޓެލްސް އެންޑް ރިޒޯޓްސްގައި ސީނިއަރ ސޭލްސް މެނޭޖަރެއްގެ މަގާމުވެސް އަދާ ކުރައްވާފައެވެ.
ދުނިޔޭގެ ފެންވަރުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ކުރިއަރަމުންދާ މި ދަނޑިވަޅުގައި ސަބީހާ، ވިޒިޓް މޯލްޑިވްސްގެ އެގްޒެކެޓިވް ބޯޑަށް އައްޔަނު ކުރެއްވުމަކީ ބޯޑަށް މާގެޓިންގ ދާއިރާއިން އިތުރު ތަޖުރިބާއާއި ހުނަރުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވޭ ކަމުގައި ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.



