ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭން އިއުލާނުކުރި ފައިސާއަށް 18 މީޑިއާއެއްގެ ޝަރުތު ހަމަވެ، ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން މިއަދު އިއުލާނުކޮށްފިއެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި، އެ ފައިސާ ލިބުމަށް ޝަރުތު ހަމަވާ މީޑިއާތަކުގެ ލިސްޓު ވަނީ އިއުލާނު ކޮށްފައެވެ.
އެގޮތުން އެ ލިސްޓުގައި ހިމެނޭ 18 މީޑިއާއަށް ދޫކުރަން ނިންމާފައިވަނީ ޖުމްލަ 27.9 މިލިއަން ރުފިޔާއެވެ.
އެ ލިސްޓުން ހާމަވާ ގޮތުގައި އެއް މީޑިއާއަކަށް އެންމެ ގިނަ ފައިސާ ލިބެނީ ޔޫތު މިނިސްޓަރު މުހައްމަދު ވަހީދު (އަސްވާޑު) ހިންގަވާ ސަންގު ޓީވީ އަށެވެ.އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު ސަންގު އޮންލައިނަށް ވަކިން 1.3 މިލިއަން ރުފިޔާ ލިބެއެވެ. އެހެންކަމުން ސަންގަށް ޖުމުލަ 5.1 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކުންފުނިން ހިންގާ އެސްއެސް މީޑިއާއަށް 4.3 މިލިއަން ރުފިޔާއާއި ސަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ އަދި އެސްއެސް ޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބެއެވެ.




