ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން ބާއްވާ ބައިނަލްއަޤްވާމީ ފޯރަމް، އިންޓަރނޭޝަނަލް އެނަރޖީ ފޯރަމްގެ 17 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ސައުދީ ޢަރަބިއްޔާގެ ރިޔާޟުގައި މި މަހުގެ 11 ވަނަ ދުވަހު ކުރިއަށްދިޔަ މި ފޯރަމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދެވެ.
އިންޓަރނޭޝަނަލް އެނަރޖީ ފޯރަމަކީ ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ބާއްވާ އެންމެ ބޮޑު އެއް ފޯރަމެވެ. މި ބައްދަލުވުމުގައި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ޚިދުމަތްދޭ ފަރާތްތަކުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މީގެއިތުރުން، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ކަރަންޓު އުފެއްދުމަށް ބާރުއެޅުމަށާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވޭނެ ގޮތްތަކާމެދުވެސް މި ފޯރަމުގައި ޚިޔާލު ބަދަލުކުރެވުނެވެ. އަދި ދެމެހެއްޓެނިވި އަދި ދުރުރާސްތާ ވިސްނުމެއްގެ ދަށުން ހަކަތައިގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތަކާއި މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން، ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ހަމަހަމަކަމާއެކު ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް އަލިއަޅުވާލާފައިވެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ބޭނުންތެރި ގިނަ ޚިޔާލުތަކަކާއި މަޝްވަރާތަކެއް ކުރެވިގެންދިޔައެވެ.
ރާއްޖެ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމަކީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންނަމަވެސް، ކަރަންޓުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ސަރުކާރުން ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.



