2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި މައްސަލަތަކުގެ ތެރެއިން 50 މައްސަލަ އަންހެން ކުދިންނާ ގުޅޭއިރު، އަނެއް 50 މައްސަލަ ގުޅެނީ ފިރިހެން ކުދިންނާއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން ޖުމްލަ 32 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 21 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 11 މައްސަލައެކެވެ
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. ސެޕްޓެންބަރ މަހު މި ބާވަތުގެ 23 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން އަންހެން ކުދިންނާއި ގުޅޭ 18 މައްސަލަ ހިމެނޭއިރު، ފިރިހެން ކުދިންނާއި ގުޅޭ 05 މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން، އެހެނިހެން ބާވަތުގެ އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 07 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 04 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން – ބްލެކްމެއިލް ކުރުމުގެ 02 މައްސަލަ، ކުދިން ދޫކޮށްލާފައި ދިޔުމުގެ 01 މައްސަލަ އަދި ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2025 ވަނަ އަހަރުގެ ސެޕްޓެންބަރ 30 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 156 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިއްބެވެ. އޭގެ ތެރޭގައި 85 ފިރިހެން ކުދިންނާއި 71 އަންހެން ކުދިން ހިމެނެއެވެ. ސެޕްޓެންބަރ މަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައިވާ 04 ކުއްޖަކު ޢާއިލާތަކާއި ރީއިންޓެގްރޭޓް ކުރެވިފައިވާއިރު، 03 ކުއްޖަކު ފޯސްޓަރ ޢާއިލާތަކާއި ހަވާލުކުރެވިފައިވެއެވެ.
އަދި 13 ކުއްޖަކަށް އިންޓާންޝިޕް ނުވަތަ ވަޒީފާގެ ފުރުޞަތު ހޯދައިދެވިފައިވެއެވެ.


