ދިވެހީންގެ ތެރޭގައި ވެސް ގިނަ ބަޔަކު ބޭނުންކުރާ އާވި އަރުވާ އުފެއްދުމެއް ކަމަށްވާ، ތައިލޭންޑްގެ ހޮންގް ތައި ބްރޭންޑުގެ ހާބަލް އިންހޭލާގެ ބެޗެއް ތަޣައްޔަރުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަންގައިފިއެވެ.
އެ އެޖެންސީން މިދިޔަ ހޯމަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ހޮން ތައި ބްރޭންޑުގެ ހާބަލް އިންހޭލާ ފޯމިއުލާގެ ބެޗެއް ތަޣައްޔަރުވެ، ރައްކާތެރިކަމުގެ މިންގަނޑުތަކުން ފެއިލްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ތައިލޭންޑުގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސައިންސަސްއިން ކުރި ލެބޯޓްރީ ޓެސްޓްތަކުން ދައްކާ ގޮތުގައި، މި އުފެއްދުމުގައި ވަނީ ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭ މިންވަރަށް މައިކްރޯބިއަލް ކައުންޓްތައް ހުއްޓެވެ. އެގޮތުން، ޓޯޓަލް އެރޮބިކް މައިކްރޯބިއަލް ކައުންޓް، ޓޯޓަލް ކޮމްބައިންޑް ޔީސްޓްސް އެންޑް މޯލްޑް ކައުންޓް، އަދި ކްލޮސްޓްރިޑިއަމް އެސްޕީޕީ ފަދަ މިންގަނޑުތަކުން މި ބެޗު ފެއިލްވެފައިވެއެވެ.
މި ޓެސްޓްތައް ހެދީ ހޮންގް ތައި ކޮމާޝަލް ހާބަލް ޕްރޮޑަކްޓްސް އުފައްދާ ސައިޓުން ނަގާފައިވާ ސާމްޕަލްތަކުންނެވެ.
އެފްޑީއޭއިން އިތުރަށް ބުނެފައިވާ ގޮތުގައި، ޖީ 309/62 ނަންބަރުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މި އުފެއްދުމަކީ އެ ގައުމުގެ ޕަބްލިކް ހެލްތު މިނިސްޓްރީން 2021 ވަނަ އަހަރު ކަނޑައަޅާފައިވާ، ރަޖިސްޓްރީކޮށްފައިވާ ގަސްގަހާގެހިން އުފައްދާ އުފެއްދުންތަކުގެ ސާފުކަމާއި ކޮލިޓީގެ މިންގަނޑަށް ވެސް ފެތޭ އުފެއްދުމެއް ނޫނެވެ.
އެހެންކަމުން، މި އުފެއްދުން ބޭނުންކުރުމަކީ ސިއްހީ ގޮތުން ރައްކާތެރިކަމެއް ނެތް ކަމެއްކަން އެފްޑީއޭއިން ވަނީ ހާމަކޮށްފައެވެ.
ތަޣައްޔަރުވެފައިވާ ބެޗަކީ 000332 ނަންބަރު ބެޗެވެ. މި ބެޗު އުފެއްދި ތާރީޚަކީ މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަވަނަ ދުވަހެވެ. އަދި މުއްދަތު ހަމަވާ ތާރީހަކީ 2027 ވަނަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހެވެ.
މާކެޓުގައި މިހާރު ދައުރުވަމުން އަންނަ މި އުފެއްދުން ނުގަންނަން ތައިލޭންޑްގެ އެފްޑީއޭއިން ވަނީ އިންޒާރު ދީފައެވެ.



