ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ ”ޖެނެރޭޝަނަލް ބޭން“ އަކީ ދެން އޮތް ޖީލުތަކެއްގެ ދުޅަހެޔޮ ކަމަށް ސަރުކާރުން ކޮށްފައިވާ ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލަށް މިއަދު ވަނީ އަމަލުކުރަން ފަށާފައެވެ. އެއާއެކު 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ގެ ފަހުން އުފަންވެފައިވާ ކުދިންނަށް އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވީއެވެ.
ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ މިއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ރާއްޖެ ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ. އަދި ސިއްހީ ކަންކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ވަނީ ސަރުކާރުން ދުންފަތުގެ ޖެނަރޭޝަން ބޭންއެއް ލޯންޗުކުރުމުން އެކަމަށް ތައުރީފް ކުރައްވައިފައެވެ.
އެގޮތުން މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި މިކަމަކީ އޮތް ޖީލުތަކުގެ ދުޅަހެޔޮ ކަމަށް ކުރެވުނު ވަރުގަދަ އިންވެސްޓްމަންޓެކެވެ. އަދި ދުންފަތަށް ދެވިހިފައިވާ މުޖުތަމައަކުން ސަލާމަތްކޮށް، ބަލިތަކުން ރައްކާތެރިވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އެކަން ސިފަ ކުރައްވައި ސާޖިދާ ވިދާޅުވީ އެކަމުގެ ސަބަބުން ޒުވާނުން ދުޅަހެޔޮވެ، އެމީހުންނަށް ހަރުދަނާ މުސްތަގުބަލެއް ކަށަވަރުވާނެ ކަމަށެވެ.



