ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ނިންމައި، އެކަން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅާފައެވެ.
އެ ބަޖެޓްގައި ވަނީ، ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝުއަރެންސް ދިނުމަށް ހިމަނާފައެވެ. އަދި އެކަމަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ހިނގާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މި އިންޝުއަރެންސް ކުރިޔަށް އޮތް ދެ އަހަރު ދިނުމަށް ނިންމާފައިވާކަމަށްވެސް ބަޖެޓް ފޮތުގައި ބަޔާންކޮށްފައިވެއެވެ.
މިއީ ދައުލަތުން އިއްޒަތް ދީފައިވާ ފަރާތްތަކަށް މިފަދަ އިނާޔަތެއް ދިނުމަށް ހިމަނާފައިވާ ފުރަތަމަ ފަހަރެވެ.
ދައުލަތުން އިއްޒަތް މިހާތަނަށް 39 ބޭފުޅަކަށް އަރުވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މަތިވެރި އިއްޒަތް އެރުވި 24 ބޭފުޅަކާއި އިއްޒަތް އެރުވި 14 ބޭފުޅެކެވެ.
ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް އަރުވާފައި ވަނީ ރާއްޖޭގައި 30 އަހަރު ރައީސްކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމަށް އެކަންޏެވެ.


